ހިޔާޕާކް ސަރަހައްދު އިތުރަށް ފުރިހަމަކުރަން އާންމުންގެ ޚިޔާލު ހޯދަނީ

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކެއްގެ މެދަށްވާ ގޮތަށް ހަދާފައިވާ ހިޔާ ޕާކު އިތުރަށް ފުރިހަމަކުރަން އާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ހިޔާ ޓަވަރުގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުވާފައިވާ މެސެޖެއްގައި ވަނީ، އެ ބިމަކީ ކުރިން ވެސް ރާވައިފައިވާ ގޮތަށް ހިޔާ ޕާކުގެ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ރާވައިފައިވާ ކަމަށެވެ.

އެހެންވެ، އެޗްޑީސީން ވަނީ އެކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ފޯމެއް ހިއްސާކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ސާވޭއަކީ އެ ސަރަހައްދުގައިހުރި ވަގުތީ މިސްކިތް މިހާރު ބޭނުންކުރަމުންދާ ގޮތް ދެނެގަތުމަށާއި، އެ ސަރަަހައްދު ތަރައްގީކުރުމަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް، އެކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.

އެ ސާވޭގައި ފޯމު ފުރާ މީހުންގެ ޒާތީ މައުލޫމާތު އެ ކުންފުނިން ނުނަގާނެ ކަމަށާއި އާންމުން ހިއްސާކުރާ ޖަވާބުތައް ބޭނުންކުރާނީ އެ ޚިޔާލުތައް ބަލައި، ދެނެގަތުމަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން އާންމުންގެ ޚިޔާލާއެކު އެ މަޝްރޫއު އިތުރަށް ރަނގަޅަށް ރާވައި، ކުރިއަށް ގެންދިއުމުގައި ފަސޭހަވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުތަކަކީ ވަރަށް ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި، ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދޭން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް