އޭއައި އެޖެންޓްތަކެއް ބޭނުންކޮށްގެން ސަތޭކައަށްވުރެ ގިނަ ވެބްސައިޓް ހެކްކޮށްފި

1200 އަށްވުރެ ސައިޓް ހެކްކުރަން ޚަރަދުވެފައިވަނީ ގާތްގަނޑަކަށް 5,000 ޑޮލަރުގެ ޓޯކަން ----

ޗައިނާ ބަހުން ވާހަކަދައްކާ ހެކަރަކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓްތަކެއް ބޭނުންކޮށްގެންނާއި މަދު އަދަދެއްގެ ޑޮލަރުކޮޅެއް ޚަރަދުކޮށްގެން ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ 100 އަށްވުރެ ގިނަ ވެބްސައިޓަށް ވަދެގަނެ ސައިބަވ ހަމަލާތަކެއް ދީފިއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އިންސާނެއްގެ ސީދާ ބައިވެރިވުމެއް ނެތި، އަމިއްލައަށް އޮޕަރޭޓްވާ އޭއައި އެޖެންޓްތަކުންނެވެ.

މި ކަންކަން ފާހަގަކުރީ ސައިބާ ސެކިއުރިޓީ ކުންފުނި 'ނޯފޯޖް' ގެ ޕްރިންސިޕަލް ތްރެޓް ރިސާޗާ ސްނޯރީ ފޭގަލަންޑްއެވެ. އޭނާ ހެކަރުންގެ ހަރަކާތްތައް ދެނެގަތީ، ހެކަރުންގެ މެދުގައި މަގުބޫލު އޯޕަން ސޯސް އޭއައި ޕްލެޓްފޯމެއް ކަމަށްވާ 'ކެއާން' ގެ ރައްކާތެރިކަން ކުޑަކޮށް ހުރި އިންސްޓަންސްތަކެއް އިންޓަނެޓުން ފެނުމާ ގުޅިގެންނެވެ.

ހަމަލާ އަމާޒުވި ކުންފުނިތަކުގެ ތެރޭގައި 'ޑީއާ'، 'ޝާކްނިންޖާ' އަދި 'ކަމިންސް' ހިމެނޭއިރު، އެ ކުންފުނިތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މައްސަލަ ތަހުގީގުކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.

https://sun.mv/228995

ސެޕްޓެމްބަރު 25 އިން ފެށިގެން މި ހެކަރު ވަނީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ޖަޕާނުގެ އީ-ކޮމާސް ވެބްސައިޓްތަކަށް އޭއައި އެޖެންޓްތައް ފޮނުވައިގެން ހަމަލާތައް ދޭން ފަށާފައެވެ. މި ހެކަރު އޭއައިއަށް ދީފައިވަނީ 100 އަށްވުރެ މަދު ޗައިނާ އަކުރުގެ ވަރަށް ކުރު އިރުޝާދުތަކެކެވެ. ފާއިތުވި ހަފުތާގެ ނިޔަލަށް އޭއައި އެޖެންޓްތައް ވަނީ 1,200 އަށްވުރެ ގިނަ ވެބްސައިޓަށް ވަންނަން މަސައްކަތްކޮށްފައެވެ. ޗައިނާގެ 'ޑީޕްސީކް' އަދި 'ކްލޯޑް ކޯޑް' އެކުލެވޭ ގޮތަށް ހިންގި މި ހަރަކާތަށް ޚަރަދުވެފައިވަނީ ގާތްގަނޑަކަށް 5,000 ޑޮލަރުގެ ޓޯކަން ކަމަށާއި، އެއީ ކާމިޔާބުވި ކޮންމެ ހެކަކަށް 50 ޑޮލަރެވެ.

ފޭގަލަންޑް ފާހަގަކުރި ގޮތުގައި އޭއައި އެޖެންޓްތަކުން ވަނީ ޑިޖިޓަލް ރެކޯޑްތައް ދިރާސާކޮށްގެން އިންފްރާސްޓްރަކްޗަ ހޯދައި، ކޮންޓްރޯލް ޕެނަލްގެ ނާޒުކު ތަންތަން ފާހަގަކޮށް، ސާވާއަށް ނުބައި އަމުރުތައް ހިންގުވައިގެން ސައިޓަށް ވަދެގަނެފައެވެ.

މިއީ ސައިބާ ސެކިއުރިޓީގެ 30 އަހަރުގެ ތަޖުރިބާ ހުރި މީހަކުވެސް ހައިރާންވާފަދަ އުކުޅުތަކެކެވެ. ކެއާން އުފެއްދި ފަރާތުން އެއީ ހެކްކުރުމަށް ހެދި އެއްޗެއް ނޫން ކަމަށް ބުންޏަސް، އެހެން ހެކަރުންވެސް ވަނީ މީގެ މެދުވެރިކޮށް ކްރެޑިޓް ކާޑު ޑޭޓާއާއި ކްރިޕްޓޯ އެކްސްޗޭންޖްތަކަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

އަމިއްލައަށް ސެކިއުރިޓީގެ އުނިކަންކަން ހޯދައި، ހަމަލާދީ ޑޭޓާ ވަގަށް ނެގުމުގެ ގާބިލުކަން އޭއައިއަށް ލިބުމަކީ މުޅި ދުނިޔޭގައިވެސް ކަންބޮޑުވުން ބޮޑުވަމުންދާ ކަމެކެވެ.

އިސްރާއީލްގެ 'ގޭމްބިޓް ސެކިއުރިޓީ' އިން ހާމަކުރި ގޮތުގައި ރަޝިއާ ހެކަރުން 'ސްޕޭސްއެކްސް' ގެ 'ކާސާ އޭއައި' ބޭނުންކޮށްގެންނާއި، އެހެނިހެން އޭއައި އެޖެންޓްތައް މެދުވެރިކޮށް 600,000 އަށްވުރެ ގިނަ ކްރެޑިޓް ކާޑުގެ ރެކޯޑް ވަގަށް ނަގާފައިވެއެވެ.

ފޭގަލަންޑް ބުނީ ކުރިން އިންސާނުންގެ ބެލެހެއްޓުން ބޭނުންވާނެ ކަމަށް ހީކުރެވުނަސް، އިންސާނުންގެ ސީދާ ބެލެހެއްޓުމެއް ނެތި އޭއައި އެޖެންޓްތައް އަމިއްލައަށް ހަމަލާދެވޭ މިންވަރަށް މި ޓެކްނޮލޮޖީ މިހާރު ވަނީ ކުރިއަރާފައެވެ.

comment ކޮމެންޓް