އަތުގައި ހުރި ފައިސާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހުސްވާނެކަން ހާމަކޮށް، މާލީ މިނިވަންކަން ހޯދުމަށްޓަކައި އަލުން އެކްޓުކުރުމުގެ މަސައްކަތަށް ނުކުންނަން ބޭނުންވާކަން އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު އަނީތާ ކަންވަލް ހާމަކޮށްފިއެވެ.
އުމުރުން 72 އަހަރުގެ އެކްޓަރު މިކަން ހާމަކުރީ ވިކީ ލަލްވާނީއަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނި ގޮތުގައި، ފައިސާގެ ދަތިކަމުން އަރައިގަތުމުގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމަށް ޓަކައި ވެސް މަސައްކަތް ކުރުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެކެވެ. އަދި ކުރިއަށް އޮތް 10 ނުވަތަ 20 އަހަރު ދުވަހު ދުނިޔޭގައި ހުރެއްޖެނަމަ، އާމްދަނީއެއް ނެތި ދިރިއުޅެން ދަތިވާނެކަން އޭނާ ފާހަގަކުރިއެވެ.
އެ އިންޓަވިއުގައި އަނީތާ ބުނި ގޮތުގައި، އޭނާގެ އަތުގައި މިހާރު ހުރި ހަމައެކަނި މުދަލަކީ އޭނާ ދިރިއުޅޭ ރީތި ގެއެވެ. އެ ގޭގެ ބައެއް މަސައްކަތް އޭނާގެ މައިންބަފައިން ކޮށްފައިވާއިރު، އަނެއްބައި ފުރިހަމަކުރީ އޭނާ އަމިއްލައަށް ލޯނު ނަގައިގެން ކަމަށާއި، މިހާރު އެ ލޯނު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ގޭގައި ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދީ ބެލެހެއްޓުމުގެ ސަބަބުން ޚަރަދުތައް ހަމަޖެއްސުމަށް ވަނީ ދަތިވެފައިކަން އަނީތާ ހާމަކުރިއެވެ.
އަނީތާ ބުނި ގޮތުގައި އޭނާގެ ދަރިން އޭނާއަށް މާލީ ގޮތުން އެހީތެރިވާން ތައްޔާރަށް ތިބި ނަމަވެސް، އޭނާ ބޭނުންވަނީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން އުޅުމަށެވެ. އޭނާގެ އަތުގައި ހުރި މަދު ފައިސާކޮޅު އަހަރެއްގެ ތެރޭގައި ހުސްވާނެކަން އެނގޭތީ، ވަޒީފާއެއް ބޭނުންވާ ކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ޚަރަދުތައް ކުރަނީ ވަރަށް ރަނގަޅަށް ރާވައިގެން ނަމަވެސް، ތަކެތީގެ އަގު ބޮޑުވުމަކީ ބޮޑު ގޮންޖެހުމެކެވެ.
ދަރިންގެ އަތުން ފައިސާ ހޯދުމުގެ ބަދަލުގައި، އަނީތާ ބޭނުންވަނީ ކުރިއެކޭ ވެސް އެއްގޮތަށް ދަރިންނަށް ހަދިޔާ ދީ، އެހީތެރިކަން ފޯރުކޮށްދޭން ކަމަށް އޭނާ ބުންޏެވެ. އޭނާގެ ދަރިން އުފަންދުވަހުގެ ހަދިޔާ ދެނީ ކީއްވެގެންތޯ ސުވާލުކުރުމުން އެކަމާ ދެރަވާ ކަމަށާއި، އޭނާ އަބަދުވެސް ބޭނުންވަނީ ދަރިންނަށް އެއްޗެހި ދެވޭ ފަދަ ފުދުންތެރި މީހެއްގެ ގޮތުގައި ހުންނަން ކަމަށް އޭނާ ބުންޏެވެ.
އެފަދަ ހާލަތުގައި އަނީތާ ހަނދާންކުރަނީ ކުޑައިރު އޭނާގެ ކާފަ ދީފައިވާ ނަސޭހަތެއް ކަމަށް އޭނާ ބުންޏެވެ. ހިމާޗަލް ޕްރަދޭޝްއަށް ނިސްބަތްވާ ދަނޑުވެރިއެއް ކަމަށްވާ އޭނާގެ ކާފަ ގަބޫލުކުރި ގޮތުގައި، މީހުންގެ ކިބައިން އެހީއަށް އެދުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރަންވާނީ އެހެން މީހުންނަށް އެހީތެރިވެދެވޭތޯއެވެ. އެހެންކަމުން، ދަރިންނަށް ބަރޯސާވުމަކީ އަނީތާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ހިއްސާކުރިއެވެ.
"ބަނޭގީ އަޕްނީ ބާތު"، "ޝާންތީ"، އަދި "ސަސުރާލް ގޭންދާ ޕޫލް" ފަދަ މަޝްހޫރު ޓީވީ ޝޯތަކާއި ފިލްމުތަކުގައި މުހިންމު ރޯލުތަކެއް ކުޅެފައިވާ އަނީތާއަށް މިހާރު ވަނީ އިންޑަސްޓްރީގައި މަސައްކަތް ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އޭނާ ބުނި ގޮތުގައި، އިންޑަސްޓްރީގެ އާ ޖީލުގެ ކުދިންނަށް އޭނާގެ ކުރީގެ މަސައްކަތްތަކެއް ނޭނގެއެވެ. އަދި ބައެއް ފަހަރު އޭނާގެ އުމުރާ ނުގުޅޭ، 21 އަހަރުގެ ޒުވާން ކުދިންގެ ރޯލުތައް ވެސް ހުށަހަޅާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އޮޑިޝަންތަކަށް ގޮސް، ކާސްޓިން ޑައިރެކްޓަރުންނާ ބައްދަލުކުރި ނަމަވެސް، މިހާތަނަށް އެކަށީގެންވާ ރަނގަޅު ރޯލެއް އަނީތާއަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާ ބޭނުންވަނީ އޭނާގެ ހުނަރާއި ތަޖުރިބާ ބަލައިގަނެގެން ފުރުސަތު ދިނުމަށެވެ. އަދި އޭނާ ހުރީ މަސައްކަތް ނުލިބިގެން ސަލާންޖަހާ ހާލަތުގައި ނޫން ކަމަށާއި، އޭނާގެ މަސައްކަތް ނޭނގޭ ބަޔަކަށް އެކަން އަންގައިދޭން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.