ކަމުގެ ހަގީގަތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މީގެ ކުރިން މަޖިލިސް މެމްބަރަކު އަވަހާރަ ވެސް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ "އާންމު ރައްޔިތުންނަށް ނުލިބޭ، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި އާންމުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން"ގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މި ޕެޓިޝަނުގެ މައުލޫއަކީ އެއާ އެއްކޮޅަށް ވާހަކަދެއްކި ނަމަވެސް އަދި ދެކޮޅަށް ވާހަކަދެއްކި ނަމަވެސް ސަލާމަތެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މިކަމުގައި ވެސް ހައްގުބަސް ބުނަންޖެހޭ ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނަށް ލިބޭ އިންޝުއަރެންސާއި އާންމު ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތަކީ އަޅައިކިޔަންޖެހޭ ދެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ އިސް މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މަޖިލިސް މެމްބަރުންނަށް ލިބިދޭ އިނާޔަތްތައް ފެށިގެން އަންނަނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާއިން ކަމަށެވެ.
އެ މާއްދާގައި ބަޔާންކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މުސްތަގިއްލު މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މި އިނާޔަތްތަކަކީ ހަމައެކަނި މަޖިލިސް މެމްބަރުންނަށް އޮތް އެއްޗެއް ނޫން ކަމަށާއި، ގާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނަށް ވެސް ކަނޑައަޅާފައިވާ އިނާޔަތްތަކެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި ޕެޓިޝަނުގެ ސަބަބުން ހަމައެކަނި މަޖިލިސް މެމްބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ދައްކައިގެން ފިތުނަ އުފެއްދުމަކީ ނުރައްކަލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މަގުބޫލުކަން ހޯދުމުގެ ބޭނުމުގައި މިފަދަ ކަންކަން ކުރުމަކީ މެމްބަރުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ހަމަ މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަގުބޫލުކަން ބޭނުންވާ ފަރާތަކަށް، އެކަމެއް ރައްދުވާ މީހުންނަށް އެޓޭކު ކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ.
"ހަމަ މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަގުބޫލުކަން ބޭނުންވާ ފަރާތަކަށް، އެކަމެއް ރައްދުވާ މީހުންނަށް އެޓޭކު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ނުރައްކާތެރިކަމެއް، އެކަމަކީ މެމްބަރުން ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނޭ ކަމެއް، އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރަކު އަވަހާރަ ވެސް ކޮށްލެވިގެން ހިނގައްޖެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކައިގައި މަޖިލިސް މެމްބަރުންގެ ރިޓަޔަމެންޓާ ގުޅޭ އުސޫލުތައް ވެސް މިހާރު ހަމަޖެހިފައި ހުރީ އެންމެ ރަނގަޅު ގޮތުގައި ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.