ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ހިނގާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ، 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް ޢަލީ ޒަރުދާރީއާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ މަސްލަޙަތުތަކުގެ އިތުރުން ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުންނެވެ. އަދި އދ. އާއި އިސްލާމީ ގައުމުތަކުގެ އިއްތިހާދު (އޯއައިސީ) ފަދަ ބައިނަލްއަގްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިގްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ.
މި ތާރީޚީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ބާރަ ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި، ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާ ހިމެނެއެވެ. އަދި މަތީ ތަޢުލީމާއި ދިރާސާ، ދިފާޢީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ހިމެނެއެވެ.