ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން، އަދި އައު އީޖާދުތައް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ ކަމުގައިވާ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއާ ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން 2 ނޮވެމްބަރު 2026ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ "ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ ކުޅަދާނަ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ފެނިގެންދާނެއެވެ.
ދިރާގުން ބުނި ގޮތުގައި މި އެކްސްޕޯގައި އެ ކުންފުނީގެ ފަރާތުން ވަރަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ދިރާގު އެކްސްޕީރިއެންސް ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ޚިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކޮށް ދިރާގުގެ ޚިދުމަތްތައް ނަންގަވާ ފަރާތްތަކަށް ޚާއްސަ އޮފާތަކާއި އިތުރު ފައިދާތައް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މީގެ އިތުރުން، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ވަރަށް ޚާއްސަ ގޭމިން އިވެންޓުތަކެއް މި އެކްސްޕޯގައި ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މި ހުރިހާ ހަރަކާތްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވުމުގެ އިތުރުން އިނާމުތައް ހޯދުމުގެ ފުރުސަތު، އެކްސްޕޯގެ ތެރެއިން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ޑީޖީޖީއިން މޯލްޑިވްސް އެކްސްޕޯގައި ހިންގާ ގޭމިން ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ހިމެނެއެވެ. މީގެ އިތުރުން ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބާ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. ހަމައެއާއެކު ކޮންމެ ދުވަހަކުވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ދަނީ މުޖުތަމައަށް ފައިދާކުރަނިވި، ރާއްޖޭގެ ވިޔަފާރިތަކަށާއި އިގުތިސާދީ ދާއިރާތަކަށް ދިރުން ގެނެސްދޭ މިފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުންދީ، ޒަމާނީ އައު އީޖާދުތަކަށް މަގުފަހިވެ، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދޭ އިވެންޓްތަކާއި އިނީޝިއޭޓިވްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވަމުންނެވެ.