ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސްކުރަން ފެށުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް ހަދަން ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުން އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ގަރާރާ ގުޅުންހުރި މާއްދާގައި މިހާރު އޮންނަނީ ބިލާ ޚިލާފަށް ގަރާރުގައި ދީބާޖާއެއް އެކުލެވިފައިވުމާއި ގަރާރު ފާސްވުމުން ބިލު ތަސްދީގުކުރުމަށް އޮންނަ އުސޫލުން ތަސްދީގުކުރަން ފޮނުވަން ނުޖެހޭނެ ކަމަށެވެ.
ޢަބްދުލްޙަންނާން ވަނީ، ހުށަހަޅައިފައިވާ ގަރާރު އެ ވަގުތު ހިނގަމުންދާ ބަހުސަކާ ގުޅޭ މައުޟޫއުއާ ގުޅުންހުރި ގަރާރަކަށް ވެގެން ނުވުމާއި ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ ބަހުސް ފެށުމުގެ ކުރިން ކަމަށް ހަދަން ހުށަހަޅުއްވައިފައެވެ. އޭރުން ގަރާރަށް ބަހުސްކޮށް ނިމުމުން އެ ގަރާރު ދެން ދާނީ ކަމާ ގުޅުންހުރި ކޮމިޓީއަށެވެ. ނަމަވެސް ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ފާސްނުވެއްޖެނަމަ އެ ގަރާރެއް ބާތިލުވާނެ ކަމަށް ވެސް އޭނާ ހުށަހެޅުއްވި ބަދަލުގައިވެއެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ބަދަލު ފާސްކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އަައިބީ)އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ)އެވެ.
މިއަދުގެ އާންމު ކޮމިޓީގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ --- ފޮޓޯ: މަޖިލިސްއެ ބަދަލަށް ތާއީދުނުކުރައްވާކަން ހާމަކުރައްވައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިޞަލް ވިދާޅުވީ، ޢަބްދުލްޙަންނާން ހުށަހެޅުއްވި ބަދަލު ފާސްވެއްޖެނަމަ ގަރާރާއި ކުއްލި މައްސަލަ ދާނީ ދާދި އެއް ހަމައަކުން ކަމަށެވެ. މިހާރު ގަވައިދު އޮތް ގޮތުން މައިނޯރިޓީއަށް އެކި ކަންކަމުގައި ބަހުސްކުރަން ފުރުސަތު ލިބޭ ކަމަށް ވިދާޅުވެ، ބަހުސްކުރުމުގެ ފުރުސަތު އޮންނަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ގަވައިދު ފާސްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައަކަށް ވެސް ގަރާރަކަށް ވެސް ބަހުސްކުރުމުގެ ފުރުސަތެއް ނުލިބޭނެ އެ ބަލައިގަތުމަށްފަހު ނޫނީ،" އަމީން ވިދާޅުވިއެވެ.
އެއަށްފަހު އަމީން ކޮމިޓީގެ ބައްދަލުވުން ދޫކުރައްވައި ވަނީ ވަޑައިގެންފައެވެ. އެހެންކަމުން ޢަބްދުލްޙަންނާން ހުށަހެޅުއްވި ބަދަލު ފާސްކުރަން ވޯޓަށް އެހުމުން، އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ޢަބްދުލްޙަންނާން ހުށަހެޅުއްވި ބަދަލު ފާސްކޮށްފައެވެ.
ދެން އޮންނާނީ މި ބަދަލު ތަޅުމަށް ހުށަހަޅައި ފާސްކުރުމެވެ.