ސީދާ ތިން ސެޓުން ސިޓީ ބަލިކޮށް، ވެމްކޯ ފެށީ މޮޅަކުން

ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޙުސައިން ހާފިޒް

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސިޓީ ފްރެންޑްސް ކުލަބް ބަލިކޮށް، ވެމްކޯއިން ފެށުން ރަނގަޅުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންގޮސްފައި ވަނީ 18-25، 21-25 އަދި 16-25 އިންނެވެ.

މުޅި މެޗުގައިވެސް ފެނިގެންދިޔައީ، ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް އެކުލެވޭ ވެމްކޯއިން މެޗު ޑޮމިނޭޓުކުރަމުންދިޔަ ތަނެވެ. އެގޮތުން، މެޗުގެ ދެވަނަ ސެޓުގައި ސިޓީގެ ކުޅުން، ފުރަތަމަ އަދި ފަހު ސެޓާ އަޅާބަލާއިރު ރަނގަޅު ނަމަވެސް ވެމްކޯއަށް މެޗުގައި އެހައި ބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.

ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޙުސައިން ހާފިޒް

މިއީ ވެމްކޯއިން ލީގުގައި ކުޅުނު ފުރަތަމަ މެޗަށް ވީއިރު، މިއީ ސިޓީ ފްރެންޑްސް ކުލަބުގެ ދެވަނަ މެޗެވެ. އެގޮތުން ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކުލަބް އެމްޓީސީސީ އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. އެހެންކަމުން ޗެމްޕިއަންޝިޕަށް ކޮލިފައިވާން ސިޓީއަށް މިވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިރޭ 20:30 ގައި އޮންނާނީ ކުލަބް އެމްޓީސީސީ އާއި ޕޮލިސް ކުލަބު ބައްދަލުކުރާ މެޗެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް