ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ހައްޔަރުކޮށްފިއެވެ.
އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރުކުރިކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ކުރި ޕޯސްޓުގައި ވަނީ އެފަދަ ޢަމަލެއް ހިންގުމަށް ހިތްވަރުދީފައެވެ. އެގޮތުން އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެއެވެ.
ނަމަވެސް، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ފޭސްބުކުން ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅެވެ. އޭރު އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވަނީ އޭނާ ސިފައިންގެއިން ވަކިކުރީ އޭރުގެ ސަރުކާރަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދެއްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ.