ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ މި ގައުމުގެ އަދުއްވެއް: މުޞްޠަފާ

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ: ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ އަދުއްވެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައި -- ފޮޓޯ/ މަޖިލިސް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ މި ގައުމުގެ އަދުއްވެއްގެ ގޮތުގައި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް މިއަދު ސިފަކުރައްވައިފިއެވެ.

ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވައިލައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން، މުޞްޠަފާ ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތްކުރަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

ނޫސްވެރިންނާ ބައްދަލުކުރޭ، ކޮށްފަ ހުރިހާ މައުލޫމާތެއް އެބަ ދެއްވާ، ސަރުކާރުން އެކަން އެބަ ކުރައްވާ، އަދި މިކަމަށް އިންވެސްޓްކުރައްވާ ފަރާތުން ނޫސްވެރިންނާ ބައްދަލުކުރައްވައިގެން، ހުރިހާ ނޫސްވެރިންނާ ބައްދަލުކުރައްވައިގެން، ހުރިހާ ނޫސްވެރިންނަށް ވަގުތު ދެއްވައިގެން މިކަން ކުރެވިފައި އޮތް ގޮތާއި ވެފައި އޮތް އެއްބަސްވުމަކަށް ދަންދެން ހާމަކުރަމުން މި ގެންދަނީ
މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް

މުޞްތަފާ ވިދާޅުވީ 99 އަހަރަށް ރާއްޖޭން ތަނެއް ދޭ ވާހަކަ ދައްކާއިރު އެކަން ފެށުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2015ވަނަ އަހަރު ކަމަށެވެ. އެގޮތުން އެނބޫދޫ ފަޅުގެ 750 ހެކްޓަރު 40 މިލިއަން ޑޮލަރުގެ މަޝްރޫއަކަށް ދޫކޮށްލި ކަން މުޞްޠަފާ ފާހަގަކުރެއްވިއެވެ.

"ނުވަދިހަ ނުވަ އަހަރަށް ދޫކޮށްލީ، ދައުލަތަށް ލިބޭނެ ކަމަށް ބެލީ އަހަރަކު ދެ މިލިއަން ޑޮލަރު، މިދިޔަ ސަރުކާރުގައި ހަމަ މި ގަރާރު ހުށަހެޅުއްވި މެންބަރު އިންނެވި ރައްޔިތުންގެ މަޖިލީހަކުން ނިންމީ ނ. އަތޮޅުގެ 750 ހެކްޓަރު އެ އޮތީ ދޫކޮށްލައިފައި، ހަމަ 99 އަހަރަށް، އަހަރަކު ލިބޭނެ ކަމަށް ބަލަނީ ދެ މިލިއަން ޑޮލަރު، ޕްރޮޖެކްޓުގެ ވެލިއުއަކީ 27 މިލިއަން ޑޮލަރު، އަދި އެ ވަރުން ވެސް ނިމުނީކީއެއްނޫން، ވ. އަތޮޅުން ވެސް 700 ހެކްޓަރު އޮތީ ދޫކޮށްލައިފައި، ހަމަ 99 އަހަރަށް 30 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް، އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް މި ބަލަނީ ދެ މިލިއަން ޑޮލަރު،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން 99 އަހަރަށް ދޫކޮށްލަނީ 500 ހެކްޓަރުގެ ބިމެއް ކަމަށާއި ގެންނަން މަސައްކަތްކުރަނީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް މުޞްޠަފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި މަޝްރޫއުގެ ސަބަބުން އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އާމްދަނީ ރާއްޖެއަށް ވަންނާނެއެވެ.

އެކަމާ އިދިކޮޅު ހަދަނީ އާންމުންނަށާއި މަޖިލީހަށް ނޭނގި "ކަނޑު ވިއްކާލި" ބައެއް ކަމަށާއި، އޭގެ އިތުރުން 750 ހެކްޓަރުގެ ބިމެއް ދޫކޮށްލި ބަޔަކާއި 1،450 ހެކްޓަރުގެ ބިން ދޫކޮށްލި ބައެއް ކަމަށް ވިދާޅުވެ، މުޞްޠަފާ ވަނީ ޔާމީންގެ ސަރުކާރަށާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިފަދަ މަޝްރޫއެއް އައުމުގެ ސަބަބުން ރާއްޖެއަށް އުފާފާގަތިކަން ލިބޭނެ ކަމަށާއި ރަސްމާލެ މަޝްރޫއާ އިދިކޮޅު ހަދަނީ އެކަމާ ދެކޮޅު ބައެއް ކަމަށް މުޞްޠަފާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށްލާނަން، މި ޕްރޮޖެކްޓާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް، ދިވެހިރާއްޖެއަށް ތަރައްގީއާއި ތަމައްދުނު އެދެން ބޭނުން ނުވާ މީހުން ކުރާ ކަންތައް އެ ހުންނަނީ،" އޭނާ ވިދާޅުވިއެވެ.

މީކާއީލް ހުށަހެޅުއްވި ގަރާރުގައިވަނީ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށާއި، މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ކަނޑައެޅުމަށް ގޮވައިލައްވައިފައެވެ.

ރަސްމާލޭގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ވެސް އަދި ހިލޭ ވެސް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި، މި އެއްބަސްވުމާ ގުޅިގެން ހުރި ގިނަ ކަންބޮޑުވުންތަކެއް އެ ގަރާރުގައި ވަނީ ތަފުސީލުކޮށްދެއްވައިފައެވެ. އެގޮތުން، މިދިޔަ މަހުގެ 21ގައި ސޮއިކުރި އެއްބަސްވުމުގެ މައުލޫމާތުތައް ސަރުކާރުން މިހާތަނަށް ސިއްރުކޮށްފައިވާ ކަމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަމަށް ގަރާރުގައިވެއެވެ. އަދި ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދީފައިވަނީ އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

https://sun.mv/228956

ފާހަގަކުރެވޭގޮތުގައި ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީއެވެ.

އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް