މުސާރައަށް ކުރި ޚަރަދު 14 ޕަސެންޓް އިތުރުވެ، 5.6 ބިލިއަނަށް އަރައިފި

ސިވިލް ސާވިސް މުވައްޒަފުންތަކެއް: މުސާރައަށް ކުރި ޚަރަދު 14 ޕަސެންޓް އިތުރުވެ، 5.6 ބިލިއަނަށް ވަނީ އަރައިފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި އަހަރު ދައުލަތުން މުސާރައަށް ކުރި ޚަރަދު 14 ޕަސެންޓް އިތުރުވެ، 5.6 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މި މަހުގެ 15ގެ ނިޔަލަށް ލިބިފައިވާ އާމްދަނީއާއި، ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވަނީ، މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުތައް އެއަށްވުރެ އިތުރުވެ، 36.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ޚަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓު ޚަރަދު ކަމަށްވާއިރު، އޭގެ ތެރޭގައި މުސާރައާއި ޕެންޝަނާއި އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ހިމެނެއެވެ. އެގޮތުން ރިކަރަންޓު ޚަރަދު 31.3 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި 12 ބިލިއަން ރުފިޔާގެ ހޭދަ ހިމެނެއެވެ.

https://sun.mv/229394

އެ ޚަރަދުތައް ވަކި ބައިތަކަށް ބަހާލާއިރު، މުސާރައާއި އުޖޫރައަށް 5.56 ބިލިއަން ރުފިޔާ ވަނީ ޚަރަަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 4.87 ބިލިއަން ރުފިޔާގައެވެ. އަދި އިނާޔަތްތަކަށް ކުރި ޚަރަދު 4.73 ބިލިއަން ރުފިޔާއަށް އަރާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.9 ޕަސެންޓްގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ޕެންޝަނާއި ރިޓަޔާމެންޓް ބެނިފިޓްތަކަށް ކުރި ޚަރަދު މިހާރު ވަނީ 1.76 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 1.62 ބިލިއަން ރުފިޔާގައެވެ.

މި އަހަރު މުސާރައަށް ކުރި ޚަރަދު އިތުރުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އޭގެ މައިގަނޑު ސަބަބަކީ، ޕޭ ހާމަނައިޒޭޝަން ސިޔާސަތާއެކު މުސާރަތައް ބޮޑުކުރުން ކަމަށެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސާވިސްއާއި ޖުޑީޝަރީ ހިމެނޭގޮތަށް 20،000 މުވައްޒަފުންގެ މުސާރަ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ ބޮޑުކޮށްފައެވެ.

ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ބޮޑުވެފައިވާއިރު، ރާއްޖޭގެ ދަރަނި ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މި އަހަރު ބޭރުގެ ދަރަންޏަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރަނި ދައްކަން މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

ރާއްޖޭގައި ދަރަނި ބޮޑުވާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާދޭތާ އަހަރުތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް