ފަހު ވަގުތު ޖެހި ދެ ލަނޑާއެކު ޕީއެސްޖީން ބާސާ ބަލިކުރިއިރު ލިވަޕޫލަށް ސަލާމަތްވެވުނީ ކިރިޔާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ބާސާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރުމަށްފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ--

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަދި މުބާރާތުގައި އެންމެ ކާމިޔާބު އިނގިރޭސި ކުލަބު ކަމަށްވާ ލިވަޕޫލް ކުޅުނު މެޗުތައް، އެ ދެ ޓީމުން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ޕާކް ޑެ ޕްރާންސް ސްޓޭޑިއަމްގައި 47 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން އާދައިގެމަތިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އޭގެ އެންމެ އެދެވޭގޮތުގައި ބޭނުން ހިފިފައެއް ނުވެއެވެ. ބަދަލުގައި ފެނުނީ ޕީއެސްޖީއަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ބާސާގެ ގޯލަށް ނުރައްކާކުރަމުންދިޔަ މަންޒަރެވެ.

ޑިޒަޔޭ ޑުއޭގެ ލަނޑާއެކު ޕީއެސްޖީން ބާސާގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މިއީ ޔާއޯ ނެވެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑުއޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތުގައި ޒަވީ އެސްޕާޓް ކާމިޔާބުކޮށްދިން ލަނޑާއެކު ބާސާއިން ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ ވާދަވެރިކަން އެންމެ ގަދަވީ ފަހުކޮޅަށް އަޅާފައެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ލޫކަސް ހަނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު ޕީއެސްޖީން ދެވަނަ ފަހަރަށް ލީޑުނެގިއެވެ.

ނަމަވެސް ބާސާގެ ޒުވާން ތަރި، ލަމީން ޔަމާލް ވަނީ މެޗުގެ 79 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

ޕީއެސްޖީން މި މެޗުގެ ތިންވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ވިޓީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތުން ފަބިއަން ރުއިޒް ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން--

ލިވަޕޫލުގެ އެންފީލްޑްގައި 59 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ވިޔަރެއާލްއާ ދެކޮޅަށް ރޭ އެޓީމުން ކުޅުނު މެޗު ކާމިޔާބުކުރަން ޖެހުނީ ފަހަތުން އަރައެވެ. ފަހަކަށް އައިސް ދަށް ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލްގެ ކެޕްޓަން، ވާޖެލް ވެން ޑައިކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ވިޔަރެއާލުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ލިވަޕޫލްގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯޖެސް މިކައުޓަޑްޒޭއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ވިޔަރެއާލްގެ ސާޖީ ކާޑޯނާ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މިއާއެކު ހޯމް ސަޕޯޓަރުންގެ ފަރާތުން ޓީމަށް ކުރަމުންދިޔަ ޕްރަޝަރު އިތުރުވެ، ލަނޑެއް ޖަހަން އެޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 36 ވަނަ މިނެޓުގައެވެ.

ކޮސްޓަސް ސިމިކަސް ނަގައިދިން ކޯނަރަކުން ބޮލުންޖަހައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެލެކްސިސް މެކަލިސްޓާއެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އުރުގުއާއީ ޑިފެންޑަރު، ރޮނަލްޑް އަރައުހޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ލިވަޕޫލަށް ފުރަތަމަ ފަހަރަށް ކުރި ހޯދުނީ މެޗުގެ 65 ވަނަ މިނެޓުގައި މެކަލިސްޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ފްލޯރިއަން ވާޓްޒް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ 2-4 އަށް ބަދަލުވިއެވެ.

ވިޔަރެއާލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ޓެނީ އޮލުވަސޭޔީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާތަކާއެކު ޕީއެސްޖީ އާއި ލިވަޕޫލް ވެސް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. މި ދެ ޓީމަށް ވެސް ތިން މެޗުން ނުވަ ޕޮއިންޓު ލިބިފައިވާއިރު ޕީއެސްޖީއަށް ތާވަލުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

comment ކޮމެންޓް