ނުރައްކާތެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ލައިސަންސް ސަސްޕެންޑު ކުރެވޭ ގޮތް ހަދަން އެދެފި

ބަޔަކު އިމާރާތްކުރާ ސައިޓެއްގައި މަސައްކަތުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްކާތެރި ކަމެއް ނެތި ތަކުރާރުކޮށް، އިމާރާތްކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ލައިންސަންސް ހިފެހެއްޓުން ހިމެނޭ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ހުށަހަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް މި ކަން ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ފުރުޝާން ވިދާޅުވީ، މާލޭގައި އިމާރާތްކުރުމުގެ ސައިޓުތަކުގައި ހިނގަމުންދާ ހާދިސާތަކާ ހެދި އާންމުންގެ ރައްކާތެރިކަމާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެހެން ވިދާޅުވެ، ދެން އޭނާ ފާހަގަކުރެއްވީ ޗާންދަނީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ހިލަ ބަސްތާއަކުން މީހެއްގެ ގައިގައި ނުޖެހި، ހަނި ގޮތަކަށް ސަލާމަތްވި ކަމެވެ. އަދި، ހެންވޭރުގައި ކައުންސިލުގެ ހުއްދަ ނެތި، ކޮންކުރީޓު މަސައްކަތް ކޮށްގެން އެ ސަރަހައްދުގައި ސައިކަލުތަކާއި މަގުގެ އެހެން ހިސާބުތަކަށް ސިމެންތި ބުރައިގެން ގެއްލުންތައްވިކަން ވެސް ފުރުޝާން ފާހަގަކުރެއްވިއެވެ.

އެހެންވެ އޭނާ ހުށަހެޅުއްވީ ތަކުރާރުކޮށް ގަވައިދާ ޚިލާފުވާ މީހުންނާއި ނުރައްކާތެރިކޮށް އިމާރާތްކުރާ ސައިޓުތަކަށް ދޫކޮށްފައިވާ ލައިސަންސްތައް ސަސްޕެންޑުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ކައުންސިލުން ތައާރަފުކުރުމަށެވެ.

ސަސްޕެންޑުކުރާ ހުއްދަތައް އަލުން އިއާދަކުރުމުގެ ކުރިން އިސްލާހީ ފިޔަވަޅުތަކަށް އަމަލުކުރޭތޯއާއި އެ ތަންތަން ސާވޭކޮށްފައިވާ ކަމަށް ފުރުޝާން ދެކެވަޑައިގަންނަވައެވެ.

މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުއްދަ ނުނަގާ އިމާރާތްކުރުމާއި ހުއްދަ ނެތި އިމާރާތްތަކަށް ބަދަލު ގެނައުން މިހާރު ވަރަށް އާންމުވެފައިވާ ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ސަލާމަތާއި ކައުންސިލަރުގެ ހުށަހެޅުން ވަރަށް މުހިންމު ކަމަށް މޭޔަރު ދެކިވަޑައިގަންނައެވެ.

ހަމައެއާއެކު އެ ހުށަހެޅުން ވީ އެންމެ އަވަހަކަށް ކައުންސިލުގެ އާބަން އަދި ޕްލޭނިން ކޮމިޓީއަށް ހުށަހަޅައިގެން ދިރާސާކުރުމަށް މޭޔަރު އިލްތިމާސްކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރައްކާތެރި ކަމެއް ނެތި އިމާރާތް ކުރުމުގެ ސަބަބުން ތަކެތި ވެއްޓި، މީހުންގެ ފުރާނަ ގެއްލުނު ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

comment ކޮމެންޓް