ސުޕަ ބްރޭންޑްސް މޯލްޑިވްސްއިން އަންނަ އަހަރަށް 53 ސްޓޭޓަސް ކެޓަގަރީއެއް ކަނޑައަޅައިފި

ސުޕަ ބްރޭންޑްސް މޯލްޑިވްސްގެ ލޯންޗިން އިވެންޓުގެ ތެރެއިން--

ސުޕަ ބްރޭންޑްސް މޯލްޑިވްސްގެ ކައުންސިލުން، 2027 ވަނަ އަހަރަށް 53 ބްރޭންޑް ކެޓަގަރީއެއް ކަނޑައަޅައިފިއެވެ.

ތަފާތު އެކި ސިނާއަތްތައް ހިމެނޭހެން މި ކެޓަގަރީތަކުގެ ދަށުން 350 އަށްވުރެ ގިނަ ބްރޭންޑު އިވެލުއޭޓް ކުރެވޭނެކަމަށް ސުޕަ ބްރޭންޑްސް މޯލްޑިވްސްއިން ބުނެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން ސުޕަ ބްރޭންޑްސް މޯލްޑިވްސްގެ ޗެއާމަން، ޑރ. ޢަބްދުﷲ މައުޞޫމް ވިދާޅުވީ، މި ބްރޭންޑުތައް އިވެލުއޭޓުކުރުމުގައި އެންމެ ބޮޑަށް ބަލާނީ ކަސްޓަމަރުންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލުކަން ލިބިފައިވާ ބްރޭންޑުތަކަށް ކަމަށެވެ. އެގޮތުން ޚިދުމަތް ދިނުމުގައި ގިނަ ދުވަސްވެފައިވާ ބްރޭންޑުތަކަށް އިސްކަންދެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ބްރޭންޑަކީ ވެސް އެ ބްރޭންޑެއް އެޕްލައިކޮށްފައިވާ ކެޓަގަރީއާ ކިހައި ގުޅުމެއް އޮތް ބްރޭންޑެއްކަން ޔަގީންކުރާނެކަމަށް ޑރ. މައުޞޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ބްރޭންޑްތަކުގެ އިތުރުން، ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ބައިނަލްއަގުވާމީ ބްރޭންޑުތައް ވެސް އެވޯޑުގައި ހިމެނޭނެކަމަށް ޑރ. މައުޞޫމް ވިދާޅުވިއެވެ. މިގޮތުން އެވޯޑުދިނުމުގައި ވިސްނާނީ ބައިނަލްއަގުވާމީ ބާޒާރުގައި މަޝްހޫރުކަން ހޯދާފައިވާ ބްރޭންޑުތަކަށްވުރެ ބޮޑަށް، އެ ބްރޭންޑަކާމެދު ދިވެހީން ދެކޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕަ ބްރޭންޑްސް މޯލްޑިވްސްގެ ލޯންޗިން އިވެންޓުގެ ތެރެއިން--

އަންނަ އަހަރުގެ އެވޯޑުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި، ފަތުރުވެރިކަން، ޓްރާންސްޕޯޓު އަދި މޮޓޯ ބްރޭންޑުތައްވެސް ހިމެނޭނެ ކަމަށާއި، 2028 ވަނަ އަހަރަށް ނޫސް މަޖައްލާތަކުގެ ކެޓަގަރީއެއް ތައާރަފުކުރުމުގެ ވާހަކަ ދެކެވޭކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށްދަނީ 15 ޖަޖުންގެ މައްޗަށް އެކުލެވޭ ކައުންސިލެއްގެ އިރުޝާދުގެ ދަށުންކަމަށް ސުޕަ ބްރޭންޑްސް މޯލްޑިވްސްއިން ބުނެއެވެ.

މިފަދަ އިވެލުއޭޝަނެއްގެ ސަބަބުން ދިވެހި މާކެޓުގައި ހުރި ބްރޭންޑުތައް ވަޒަންކުރުމުގައި ހަރުދަނާ އަދި އިންތިޒާމުވެފައިވާ ނިޒާމެއް ގާއިމުވާނެކަމަށް ސުޕަ ބްރޭންޑްސުން ގަބޫލުކުރެއެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުތައް ދެނެގަނެ، އެ ބްރޭންޑުތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ސުޕަ ބްރޭންޑްސް މޯލްޑިވްސް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ، 6 ސެޕްޓެމްބަރު 2026 ގައެވެ.

comment ކޮމެންޓް