ގަވައިދާ ޚިލާފަށް ބޮޑު އަގުގައި ޑޮލަރު ގަނެވިއްކި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ގަވައިދާ ޚިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން --- ފޮޓޯ: ފުލުހުން

ބޮޑު އަގުގައި ހުއްދަނެތި ގަވައިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތުކުރާ މައްސަލައެއްގައި އިންޑިއާ ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން މިއަދު ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ހުއްދަނެތި، އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަނާއި ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަނެތި ގާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ޓާސްކުފޯހާ ހިއްސާކުރަން ފުލުހުން އެދެއެވެ.

އެގޮތުން އެ ޓާސްކްފޯސްގެ ނަންބަރު 9388733 އަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަ ނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު މިދިޔަ އަންގާރަ ދުވަހު ވެސް ހައްޔަރުކޮށްފައި ވެއެވެ.

comment ކޮމެންޓް